Tuesday, 28 July 2026

ލ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ލާމު އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. ލ. ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމެވެ.

އާރްޓީއެލްގެ އުސޫލުގެ ދަށުން، ކޮންމެ އަތޮޅެއްގައި ވެސް ޚިދުމަތް އަލަށް ފަށާއިރު ރައްޔިތުން ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ގޮތުން އެއް ހަފުތާގެ މުއްދަތަށް ހިލޭ ދަތުރުކުރެވޭނެއެވެ. އެގޮތުން، މާދަމާއިން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ލ. އަތޮޅުގެ ރައްޔިތުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށާއި، ޓިކެޓް ނަގައިގެން އަގު ދައްކާ އުސޫލުން ދަތުރުތައް ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހާމަކުރި ގޮތުގައި، ލ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 15 އަތޮޅެއްގައި މިހާރު އާރްޓީއެލް ފެރީގެ ޚިދުމަތް ވަނީ ގާއިމުކުރެވިފައެވެ. މި މަޝްރޫއަކީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.

މި ޚިދުމަތް މިހާތަނަށް ނުފެށި އޮތީ މ. އަތޮޅުގެ އިތުރުން ޒޯން ތިނެއްގައި ހިމެނޭ ކ، އއ، އދ އަދި ވ އަތޮޅުގައެވެ. ލ. އަތޮޅަށް ބޭނުންވާ ފެރީތަކުގެ ތެރެއިން 4 ފެރީއެއް މިހާރު ވަނީ ގެނެސްފައެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ ދަށުން ފޯރުކޮށްދީފައިވާ އުޅަނދުތަކެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *