Wednesday, 29 July 2026

20 ބިދޭސީންނަށްވުރެ މަދުން ގެންގުޅޭ ކުދި ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ހަމަޖައްސައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން، އެފަދަ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ އަދަދު 20 އަށްވުރެ މަދުނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް" ސަރުކާރުން ގެނައި އިސްލާޙެއްގެ ދަށުންނެވެ.

އާންމު އުސޫލުން ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީގެ ގޮތުގައި ކޮންމެ ބިދޭސީއަކަށް 2000 ރުފިޔާ ދައްކަންޖެހެއެވެ. ނަމަވެސް، އަލަށް ގެނައި އިސްލާޙާއެކު، 20 އަށްވުރެ މަދު ބިދޭސީން ގެންގުޅޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މި ފީ ދައްކާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، އެއް ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނޭ ގޮތަށް އުފައްދާފައިވާ އެހެން ކުންފުނިތަކަކަށް މި އިސްތިސްނާ ބޭނުމެއް ނުކުރެވޭނެއެވެ.

ކޯޓާ އިތުރުވާނަމަ ފީ ދައްކަންޖެހޭނެ

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުންވެސް 20 އަށްވުރެ ކޯޓާ އިތުރުކުރާނަމަ، 21 ވަނަ ބިދޭސީއާ ހިސާބުން ފެށިގެން އިތުރުވާ ކޯޓާތަކަށް ގަވާއިދުން ފީ ދައްކަން ޖެހޭނެއެވެ. މީގެ އިތުރުން، މި އިސްލާޙަށް އަމަލުކުރަން ފެށުމުގެ ކުރިން ކުދި ވިޔަފާރިތަކުން ދޫކޮށްފައިވާ ކޯޓާތަކަށް ދައްކަމުންދިޔަ ފީ ދެއްކުންވެސް މިހާރު ވަނީ ހުއްޓާލާފައެވެ.

މީގެ އިތުރުން، ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، ވަރކް ޕަރމިޓް ފީ ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެކަން ހުށަހެޅުމުން، ހާލަތަށް ރިއާޔަތްކޮށް ފީ ދެއްކުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށް މިހާރު ލިބިގެންވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިފަދަ ލުއިތަކެއް ދިނުމުގެ މަގްސަދަކީ ގާނޫނީ އިމުގެ ތެރެއިން ހިންގާ ވިޔަފާރިތަކަށް ދަތިނުވާނެހެން ކަންކަން އިންތިޒާމުކުރުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *