Tuesday, 28 July 2026
މިއަދު އިންޑޮނޭޝިއާއަށް ބިންހެލުން އައި ސަރަޙައްދުގެ ޗާޓެއް -- ފޮޓޯ: ސްޓަފް

އިންޑޮނީޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް: މެޓް

އިންޑޮނީޝިއާގެ އިރުމަތީ ކަނޑުގެ ސަރަޙައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ. ރާއްޖެ ގަޑިން ރޭ ފަތިހު 3:48 ހާއިރު އިންޑޮނީޝިއާގެ މޮލުކާ ކަނޑުގެ ސަރަޙައްދަށް އައި މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.

މި ބިންހެލުމާ ގުޅިގެން ބައެއް ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފައިވާއިރު، ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފައިވަނީ ބިންހެލުން އައި މަރުކަޒާ ގާތްގަނޑަކަށް 1,000 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހިމެނޭ އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުރައްކާތެރި ސުނާމީ ރާޅުތަކެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ރާއްޖޭގެ މެޓް އޮފީހުން ބުނީ މި ބިންހެލުން އައިސްފައިވަނީ މާލެއާ 5,865 ކިލޯމީޓަރު ދުރުން ކަމަށްވާތީ، ރާއްޖެއަށް މިކަމުގެ ސީދާ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އިންޑޮނީޝިއާގެ ސަރަޙައްދަށް އަންނަ ބިންހެލުންތަކަކީ ރާއްޖެއިން އަބަދުވެސް ސަމާލުކަންދޭ ކަމެކެވެ. އެގޮތުން 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑޮނީޝިއާގެ ސުމަޓްރާ ސަރަޙައްދަށް އައި 9.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އުފެދުނު ސުނާމީގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ މަރުވެފައެވެ. އެހެންކަމުން މިފަދަ ކޮންމެ ހާދިސާއަކާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ބައެއް ޤައުމުތަކަށް ސުނާމީގެ ނުރައްކާ އޮތް ނަމަވެސް، މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ރާއްޖެއަށް މި ބިންހެލުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން މިކަމުގައި ކަންބޮޑުވުމެއް ނެތް ކަމަށްވެސް އެ އިދާރާއިން ވަނީ ޔަގީންކަން ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *