Tuesday, 28 July 2026
ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފި

އަންނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރެކޯޑު އަދަދަކަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފިއެވެ. އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ހުއްދައަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން މިއަހަރާއި އަންނަ އަހަރަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެކްސްޕޯޓް ކުރާ ތަކެތީގެ ތެރޭގައި ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޯދަން ފުށް، ހަކުރު، އަދި މުގުގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ހިމެނެއެވެ. ހައި ކޮމިޝަނުން ފާހަގަކުރި ގޮތުގައި މިއީ 1981 ވަނަ އަހަރު މި އިންތިޒާމު ހަމަޖެހުނު ފަހުން މިހާތަނަށް ކަނޑައެޅުނު އެންމެ މަތީ ކޯޓާއެވެ. އެގޮތުން ހަނޑުލުގެ ކޯޓާ އެކަނިވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު 77 އިންސައްތަ އިތުރުކޮށްދީފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ މި ތަކެތި އެކްސްޕޯޓް ކުރުމުގައި އިންޑިއާއިން އަޅާ އެއްވެސް ހުރަހެއް ނުވަތަ މަނާކުރުމެއް މި މުއްދަތުގެ ތެރޭގައި ނުހިނގާނެ ކަމަށެވެ. މިއީ އެ ގައުމުގެ ’ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ތަރައްގީއަށް އެއްބާރުލުން ދިނުމަށް ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ބައެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، އިންޑިއާއިން ވަނީ ދާދިފަހުން ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏެއްވެސް ފަސްކޮށްދީފައެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ތެޔޮ ހޯދުމުގައިވެސް އިންޑިއާގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން މިހާރު ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *