ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، 24 ގަޑިއިރު ޚިދުމަތް ލިބޭ ހޮޓްލައިން 1505 އާއި 'ސްޓޭޓްފާމާ ޕޯޓަލް' ރަސްމީކޮށް ތައާރަފްކޮށްފިއެވެ. މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އީފާސް (eFaas) ބޭނުންކޮށްގެން ބޭހަށް އޯޑަރުކުރުމާއި، ބޭސް ލިބޭނެ ވަގުތާއި ޑެލިވެރީގެ ކަންތައްތައް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިކަމާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވީ، ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން އާންމުކޮށް ލިބުމަށް ދަތި ބޭސްތައް އެންސްޕާއާ ގުޅިގެން ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރުގެ މެދުތެރޭގައި އެސްޓީއޯގެ ފާމަސީތަކާ މި ކުންފުނިން ހަވާލުވުމަށް ތައްޔާރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޕްރިސްކްރިޕްޝަން އަށް ގެންނަ ބޭހުގެ ސްޓޭޓަސް ދެނެގަނެވޭނެ ޕޯޓަލްއެއް އެބަ ތައާރަފްކުރަން. އެސްޓީއޯއިން ރާއްޖޭގައި ހިންގަމުންދާ ފާމަސީތަކާ އަޅުގަނޑުމެން ޙަވާލުވާން މި ތައްޔާރުވަނީ މިއަހަރުގެ މެދުތެރޭގައި. މި މުއްދަތުގައި ވެސް ސްޓޭޓްފާރމާގެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ބޭސް އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ،" ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވިއެވެ.
ސްޓޭޓް ފާމަސޫޓިކަލް ކުންފުންޏަކީ ބޭހާއި މެޑިކަލް ސާމާނު ގަނޑުކޮށް ރާއްޖެއަށް އެތެރެކޮށް، މުޅި ރާއްޖެއަށް އެތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އުފެއްދި ކުންފުންޏެކެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ.
ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އާ ތައާރަފްކުރި ހޮޓްލައިން ނުވަތަ ޕޯޓަލްގެ ބޭނުން ހިފުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް 1505 އަށް ގުޅުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އޯޑަރުކުރުމަށް ޑރ. ޝާހް ޢަބްދުﷲ މާހިރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.


