Tuesday, 28 July 2026

މަޖިލީހުގެ %10 ގޮނޑި ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް ކޮންމެ ބަޔަކަށް %10 ގޮނޑި ހާއްސަކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަކުރެއްވީ 'އެކްސްޕްރެސް ވިތު ރައީސް' ނަމުގައި ޒުވާނުންނާ އެކު ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ތެރެއިން، ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިހާރު ތިއްބެވި 93 މެމްބަރުންގެ ނިސްބަތުން ބަލާ ނަމަ، 30 އަހަރުން ދަށުގެ ޒުވާނުންނަށް ނުވަ ގޮނޑި އަދި އަންހެނުންނަށް ނުވަ ގޮނޑި ހާއްސަކުރެވިދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އަދި ސީދާ ނިންމާފައިވާ އަދަދުތަކެއް ނޫން ކަމަށާއި، މިކަމުގައި ފައިނަލް ގޮތެއް ނިންމާނީ ޒުވާނުންނާއި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހިޔާލު ހޯދުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމުގައި އޮތީ ޒުވާނުންނަށް %10. އެކަމަކު މިކަންކަން ނިންމާނީ ޒުވާނުންނާއި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި،" ރައީސް ވިދާޅުވި އެވެ.

މި ގޮނޑިތަކަށް މެމްބަރުން ހޮވާނެ އުސޫލަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ އިންސާފުވެރި ގޮތަކީ ދާއިރާތައް ގުރުއަތުން ކަނޑައެޅުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއީ އަދި ހަމައެކަނި ހިޔާލުފުޅެއް ކަމަށާއި، އަމަލީ ސިފަ ޖެހޭނީ މަޝްވަރާތަކަށް ފަހު ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

ދައުލަތުގެ އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހުގެ 4 ވަނަ ދުވަހު ނަގާނެ ކަމަށެވެ. އަދި އެ ވޯޓަށް ފަހު ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ރައީސް ވަނީ ހާމަކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *