Wednesday, 29 July 2026

ރައީސް މުޢިއްޒު ގިރާވަރު ފަޅުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބާއި، ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢަކީ ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްއޭސީއެލްއިން މި މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްފައިވާއިރު، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، މި ސަރުކާރުން މަސައްކަތާ ހަވާލުވިއިރު ނިމިފައިވަނީ ފޭސް 1 ގެ އެންމެ 41.8 އިންސައްތަ މަސައްކަތެވެ. ނަމަވެސް ފެބްރުއަރީ 13 ގައި މަސައްކަތް އަލުން ބާރުދުވެލީގައި ފަށައި، މިހާރު ވަނީ ޖުމުލަ 105 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. މިއީ ފޭސް 1 ގެ 62.8 އިންސައްތަ މަސައްކަތެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ 97.15 ހެކްޓަރުގެ ތެރެއިން 36 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވިދާޅުވެފައިވަނީ، ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމައި، ޖޫންމަހު ގޯތި ދޫކުރަން ފެށޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 4 ސައިޒެއްގެ ޖުމުލަ 4,072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އައު ޕްލޭނެއް އެކުލަވާލުމާ ގުޅިގެން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތް އަވަސްކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ޑްރެޖަރުތައް ކަމަށްވާ ’ކުއީންސް އޮފް ދި ނެދަލޭންޑްސް' އަދި ’އޮރެންޖް' ބޭނުންކުރަމުންދެއެވެ. މި އުޅަނދުތަކުގެ އެހީގައި ދުވާލަކު 100,000 ކިއުބިކް މީޓަރުގެ ވެލި އެޅެމުންދާއިރު، އެމްއޭސީއެލްގެ އަމާޒަކީ އޭޕްރިލް 30 ގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

ކުރީގެ ސަރުކާރުން މި މަޝްރޫޢު ފަށާފައިވީނަމަވެސް، އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ނެތުމާއި، ކަނޑުގައި ރޮނގު އަޅައިގެން ގޯތި ދޫކޮށްފައި އޮތުމުގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުން އޮތެވެ. މި ސަރުކާރުން މިހާރު ދަނީ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ހަލުވި ދުވެލީގައި މަޝްރޫޢު ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *