Tuesday, 28 July 2026
ފޯޅަވަހި

ފޯޅަވަހި މޮރިޝަސްއަށް ދިނުމަށް ހެދި އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށް އަންގައިފި

މޮރިޝަސްއަށް ފޯޅަވަހި ދިނުމަށް އިނގިރޭސިވިލާތުން އެ ގައުމާއެކު އެކުލަވާލި އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގައިފިއެވެ. ބީބީސީއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން ހާމަކޮށްފައިވަނީ ދެ ލިޔުމެއްގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއަށް ކުރެއްވި ފޯނު ކޯލެއްގެ މެދުވެރިކޮށެވެ.

ދިވެހި ސަރުކާރުން ވަނީ ފޯޅަވައްސާމެދު އިނގިރޭސިވިލާތާއި މޮރިޝަސްގެ މެދުގައި ގާއިމުކޮށްފައިވާ އެއްބަސްވުމާ މެދު "ފުން ކަންބޮޑުވުންތަކެއް ހުރި" ކަމަށް ބުނެފައެވެ. އަދި ރާއްޖެއިން ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާކުރުމާއެކު، ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅުތައް މެދުވެރިކޮށް އެ ސަރަހައްދު ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރ ސްޓެފަން ޑައުޓީ ވިދާޅުވީ، ފޯޅަވަހީގެ ސިޔާދަތާ ގުޅޭ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅިފައި އޮތް ކަމެއް ކަމަށާއި، އެކަމުގައި ރާއްޖޭގެ ދައުރެއް ނެތް ކަމަށެވެ. އިނގިރޭސި ސަރުކާރުން ދެކޭ ގޮތުގައި ބައިނަލްއަގުވާމީ ކޯޓުތަކުން މިހާރުވެސް ވަނީ އެ ރަށްތަކުގެ ސިޔާދަތު އޮންނާނީ މޮރިޝަސްއަށް ކަމަށް ނިންމާފައެވެ.

ފާއިތުވި އަހަރު އިނގިރޭސިވިލާތުން ވަނީ މޮރިޝަސްއަށް އެ ސަރަހައްދު ދިނުމާއެކު، އެތަނުގައި އޮޕަރޭޓުކުރާ އަސްކަރީ ބޭސް ދެމެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑު މޮރިޝަސްއަށް ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ ރާއްޖެއަށް ފޯޅަވަހީގެ މައްޗަށް އެތައް ގަރުނެއްވީ ތާރީހީ ސިޔާދަތީ ދައުވާއެއް ކުރެވެން އެބައޮތް ކަމަށެވެ.

ސަރުކާރުން ބީބީސީއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ، ފޯޅަވައްސާމެދު ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށް ރާއްޖޭގެ މަސްލަހަތުތައް އެއްފަރާތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި މައުގިފަކީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ތާރީހީ، އިދާރީ އަދި ޖިއޮގްރަފީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށްވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *