މި މައްސަލައަކީ ރިފަރަންޑަމް ބޭއްވުން ހުއްޓުވުމަށް އެދި އެމްޑީޕީގެ ގާނޫނީ ވަކީލުން ކަމަށްވާ އައިކް އަހުމަދު އީސަ އާއި އިބްރާހިމް ޝިޔާމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެކެވެ. ދައުވާކުރާ ފަރާތުން ބުނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައިވާ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށާއި، އެހެންކަމުން އެގޮތަށް ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ވަކި ކަންކަމަށް ރައްޔިތުންގެ ވޯޓެއް ހޯދަން ބަޔާންކުރި ނަމަވެސް، އެ ސުވާލު ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. "އާންމު ވޯޓުގެ ސުވާލު އޮންނަންވީ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ގަބޫލުކުރަން،" ސަނާ ވިދާޅުވިއެވެ. އަދި ހިޔާލު ހޯދުމުގެ ވޯޓާ ބެހޭ ގާނޫނުގެ ދަށުން އެ ސުވާލު ކަނޑައަޅުއްވަނީ ރައީސް ނެރުއްވާ ގަރާރަކުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ރިފަރަންޑަމްގައި ރައްޔިތުންނާ ކުރަން ނިންމާފައިވާ ސުވާލަކީ، އިންތިހާބުތައް އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސް ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ އިއުލާން ކުރައްވާފައެވެ.


