ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ހިންގިކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖުމުލަ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމް ގޭ ބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ ގޭ ބަންދަށް ބަދަލުކުރި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
ބައްސާމްގެ މައްޗަށް ދައުވާކުރި ދެ މައްސަލައެއްގައި ކުށް ސާބިތުވެ، އޭނާ ގެންދަވަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
އެފްއޭއެމްގެ ރައީސްކަމުގައި ހުރިއިރު އެ އެސޯސިއޭޝަނަށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތު ބައްސާމަށް ވަނީ އަމާޒުވެފައެވެ. އެ ފައިސާއިން އޭނާ ހުޅުމާލެއިން އެޕާޓްމަންޓެއް ވެސް ގަނެފައިވާ ކަމަށް ދައުލަތުން އުފުލި ދައުވާތަކުގައި ވެއެވެ.
ބައްސާމު މިހާރު ތަންފީޒު ކުރަމުންދަނީ އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި 9 އަހަރުގެ ހުކުމަކާއި، ކޮވިޑް ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލައިގައި 23 އަހަރުގެ ޖަލު ހުކުމެކެވެ.


