Tuesday, 28 July 2026

އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރީގެ ރޭޓުގައި ތެޔޮ ލިބޭނެ: އެސްޓީއޯ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް މަތިވެ، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާއިރު، އެސްޓީއޯއިން އެ ފަރާތްތަކަށް ކުރީގެ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ނިންމައިފިއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމުން، އަމިއްލަ ކުންފުނިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުކުރަން އެސްޓީއޯ އިން ކުރިން ނިންމި ނަމަވެސް، އެ ނިންމުން މިރޭ ވަނީ މުރާޖާ ކޮށްފައެވެ.

އެގޮތުން އެސްޓީއޯއިން ބުނީ، ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު އެސްޓީއޯއިން ހަަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ. އަދި، މަސްވެރިންނަށް ފަހި ހަކަތަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަށް އިތުރު ބަދަލެއް ނާންނަ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން، މަސްވެރިންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ ’ފަހިހަކަތަ‘ ޕްރޮގްރާމްގެ ދަށުން ދެމުންދާ ސަބްސިޑީ އަގުތަކަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

"ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑްހިންގާ ފަރާތްތަކަށް ކުރިީގެ ރޭޓްގައި ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖަައްސައިދެނީ. މި ބަދަލުތައް މި ގެނެވުނީ އާންމުންނަށް މާލީ ގޮތުން ބުރަޔަކަށް ނުވާގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް،" އެ ކުންފުނިން ބުންޏެވެ.

މި ވަގުތު މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ލިބޭއިރު، ޑީސަލް ލީޓަރެއްގެ އަގަކީ 17.54 ރުފިޔާއެވެ. އެސްޓީއޯގެ އަމާޒަކީ ދުނިޔޭގެ ބާޒާރުގެ އޮއިވަރާއެކުވެސް ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނެހެން ތެލުގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ބާޒާރުގައި ވެސް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ތެލުގެ އަގަށެވެ. ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެފްއެސްއެމްއިން ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. އޭގެ ތެރޭގައި ރަށްރަށަށް ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކާއި، ބައުޒަރުން ޖެޓީއަށް ގޮސް ތެޔޮ އަޅައިދޭ އަގުތައް ވެސް ވަނީ މަތިކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *