މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި އިސްކަން ދެނީ ކުރީގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ކަމަށާއި ވަކި ސިޔާސީ ޕާޓީއަކަށް ނޫން ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިއަދު ބުނެފިއެވެ.
ދައުލަތުގެ މީޑިއާ އިން އެހެން ބުނީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، ހަމަހަމަކަމެއް ނެތި އެ މީޑިއާ އިން މައުލޫމާތު ގެނެސްދޭ ކަމަށް ބުނެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބް (ޝަކިއްބެ) އާ ބައްދަލުކުރަން އެދި އިދިކޮޅު އެމްޑީޕީން ފޮނުވި ސިޓީ އަށް ދިން ޖަވާބުގަ އެވެ.
އެމްޑީޕީން މިއަދު 13:00އަށް ވަނީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބްއާ ބައްދަލުކުރަން ޕީއެސްއެމް ހިންގާ އިމާރާތަށް ވެސް ގޮސްފައެވެ. އަދިވެސް އެ ޕާޓީގެ އިސްވެރިން ދަނީ ޕީއެެސްއެމް ކައިރީ އިހުތިޖާޖު ކުރަމުންނެވެ.
ޕީއެސްއެމުން އެމްޑީޕީއަށް ދިން ޖަވާބުގައި ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، ރައްޔިތުންނަށް އެ މީޑިއާ އިން ގެނެސްދެނީ ފަންނީ އަދި އިޖުތިމާއީ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތަކެއް ކަމަށް ވާތީ މި ވަގުތު ސިޔާސީ ޕާޓީތަކަށް ފުރުސަތު ދޭން ހަމަޖެހިފައި ނެތް ކަމަށެވެ.
އޭގެ ބަދަލުގައި އިސްކަންދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް ކަމަށާއި އަދި މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައި ނުވާނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ވަކިފަރާތަކަށް ނުޖެހި، މިނިވަންކަމާ އެކު ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް ޕީއެސްއެމް އިން ބުންޏެވެ.
އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލާގައި ޕީއެސްއެމްގެ އެމްޑީ ޝަކީބްއާ ބައްދަލުކުރަން އެމްޑީޕީން މިއަދު ބޭނުންވިޔަސް އެ ކުންފުނިން ބުނި ގޮތުގައި އޭނާ މި ވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ. ޝަކީބް ރާއްޖެ ވަޑައިގަންނަވަނީ މި މަހުގެ ފަހުކޮޅު ކަމަށް ވާތީ އެމްޑީޕީން ބޭނުންވާ ބައްދަލުވުމަށް އޭގެ ފަހުން އެދުމަށް ވެސް ޕީއެސްއެމުން ސިޓީގައި ވެ އެވެ.
"އަދި ތިޔަ ޕާޓީން މި ރާއްޖޭގައި ވެރިކަން ކުރެއްވިއިރު ވެސް ޕަބްލިސް ސާވިސް މީޑިއާ މި ގޮތުގައި ދެމިއޮތެވެ. އެހެންކަމުން، މި މުއައްސަސާގެ މިނިވަންކަމާ ގުޅުވައި މި ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" އެމްޑީޕީ އަށް ޕީއެސްއެމުން ފޮނުވި ސިޓީގައި ވެ އެވެ.
ޝަކީބް ރާއްޖެ ވަޑައިގަންނަވަނީ މި މަހުގެ ފަހުކޮޅު ކަމަށް ވާތީ އެމްޑީޕީން ބޭނުންވާ ބައްދަލުވުމަށް އޭގެ ފަހުން އެދުމަށް ވެސް ޕީއެސްއެމުން ސިޓީގައި ވެ އެވެ.


