Tuesday, 28 July 2026
ފޮޓޯ: އެމްޓީސީސީ

އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމަށް ތައްޔާރުވާން ފަށައިފި

އއ. އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ތައްޔާރީތައް ފަށައިފިއެވެ.

އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 19، 2022 ގައެވެ. މި މަޝްރޫއުގައި ހިމެނެނީ ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމާއި، ޑްރެއިނޭޖް އަދި ސާވިސް ލައިންތަކާއި، ސައިޑްވޯކް ޕޭވިން އަދި ކެރެޖްވޭގެ މަސައްކަތެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖެނުއަރީ، 12، 2024 ގައެވެ.

ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރިއަށްދާ މިރަށުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ އެންމެ ބޮޑެތި މަގުތަކާއި، ބަނދަރު ސަރަޙައްދު އަދި މުވައްސަސާތައް ހިމެނޭހެން ޖުމްލަ 10 މަގެއްގައި 2.68 ކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާނެއެވެ.

އެ މަގުތަކުގައި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4193 އަަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރުން 14,452 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ދައުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ހިންގާ މި މަޝްރޫޢުގެ މިހާރުގެ ހާލަތަށް ބަލާއިރު، ޔުޓިލިޓީ ނެޓްވޯކްތަކާއި، ފެން ހިންދާ ނިޒާމު އަދި ޕޭމަންޓް ހެދުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *