Tuesday, 28 July 2026
ޗަމްޕާ ހުސައިން އަފީފް -- ފޮޓޯ އަވަސް

މަޓީގެ ޗެއާޕާސަނަކަށް ޗަމްޕާ ހުސައިން އަފީފް އިންތިޚާބުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލުކުރާ އެންމެ ބޮޑު ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާޕާސަނަކަށް މަޝްހޫރު ވިޔަފާވެރިޔާ ޗަމްޕާ ހުސައިން އަފީފް އިންތިޚާބުކޮށްފިއެވެ. އަފީފް މި މަގާމަށް އިންތިޚާބު ކުރީ ކުރުނބާ މޯލްޑިވްސްގައި އިއްޔެ ރޭ ބޭއްވި އެ ޖަމިއްޔާގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

މަޓީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ އަހަރުގެ އޮގަސްޓް މަހު އަވަހާރަވުމާ ގުޅިގެންނެވެ. ޗަމްޕާ ރިސޯޓްސްގެ ހިއްސާދާރު، އަފީފަކީ މީގެ ކުރިން ވެސް މަޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަފީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މަޓީން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރިސޯޓްތައް ތަމްސީލުކުރާ މައި ޖަމިއްޔާގެ ގޮތުގައި ހަރަކާތްތެރިވާ މަޓީގައި 100 އަށް ވުރެ ގިނަ ރިސޯޓު ހިމެނެއެވެ. މި ޖަމިއްޔާއަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ސިޔާސަތުތައް ކަނޑައެޅުމާއި ދާއިރާ ކުރިއެރުވުމުގައި ސަރުކާރާއެކު ގާތުން މަސައްކަތްކުރާ މުހިންމު ޖަމިއްޔާއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *