މާލެ ސަރަހައްދު ގުޅާލުމަށް ކުރިއަށްގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ހަމައެކަނި އިންޖިނިއަރިންގެ ރޮނގުން ލިބޭ ކާމިޔާބީއެއް ނޫނެވެ. މިއީ މާލެ ސަރަހައްދުގެ އާބާދީއަށް އާ ދިރުމެއް ގެނެސްދޭނެ، އިގްތިސާދީ އަދި އިޖުތިމާއީ ބޮޑު ބަދަލެކެވެ. އިންޑިއާގެ އެހީގައި އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު އެއްގަމު މަގުން ގުޅާލެވި، ވަޒީފާ އާއި ތައުލީމީ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިނުގެ މި މަޝްރޫއުގައި 3.6 ކިލޯމީޓަރުގެ ބްރިޖްތަކާއި ވިއަޑަކްޓްތައް ހިމެނޭއިރު، މިއީ ކަނޑުދަތުރުފަތުރަށް ބަރޯސާވެފައިވާ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމެކެވެ. ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އެއް ސިޓީ ކަމަށްވާ މާލޭގެ ރައްޔިތުންނަށް އެހެން ރަށްރަށުގައި ދިރިއުޅެމުން މާލެއަށް ވަޒީފާއަށް ނުވަތަ ކިޔަވަން ދިއުމުގެ ފުރުސަތު މޫސުމަށް ބެލުމެއްނެތި މި ބްރިޖްގެ ސަބަބުން ފަހިވެގެންދާނެއެވެ.
ކަނޑުގެ ގަދަ އޮއިވަރާއި އުނދަގޫ މާހައުލެއްގައި ކުރިއަށްދާ މި މަޝްރޫއަކީ ދުނިޔޭގެ އެހެން ބޮޑެތި ބްރިޖްތަކާ އަޅާބަލާއިރުވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެގޮތުން ޗައިނާގެ އެހީގައި އެޅި 1.39 ކިލޯމީޓަރުގެ ސިނަމާލެ ބްރިޖް ނިންމަން 3 އަހަރު ނެގިއިރު، ތިލަމާލެ ބްރިޖަކީ އޭގެ ފަސްގުނަ ބޮޑު މަޝްރޫއެކެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ސިނަމާލެ ބްރިޖްގެ ދިގުމިން 3 ކިލޯމީޓަރަށްވުރެ އިތުރުވިނަމަ، އެ މަޝްރޫއު ނިންމަން 10 އާއި 15 އަހަރާ ދެމެދުގެ މުއްދަތެއް ނެގީހެވެ.
ދުނިޔޭގެ އެހެން ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު، ޗައިނާގެ ޝެންޒެން-ޒޮންގްޝާން ލިންކް ނިންމަން 7 އަހަރު ނެގިއިރު، ޑެންމާކާއި ސްވިޑަން ގުޅާލި އޮރެސުންޑް ބްރިޖް ނިންމަންވެސް 7 އަހަރު ހޭދަވިއެވެ. އަދި އެމެރިކާގެ ސެން ފްރެންސިސްކޯ-އޯކްލޭންޑް ބޭ ބްރިޖްގެ 7 ކިލޯމީޓަރުގެ މަސައްކަތް ނިންމަން 11 އަހަރު ހޭދަވެފައިވެއެވެ. މިއީ ކަނޑުމަތީގައި ކުރާ މިފަދަ ބޮޑެތި އިންޖިނިއަރިން މަސައްކަތްތަކަކީ މޫސުމާއި ރައްކާތެރިކަމަށް ބަލައި ގިނަ ވަގުތު ނަގާ ކަންކަންކަން ހާމަކޮށްދޭ މިސާލުތަކެކެވެ.
ތިލަމާލެ ބްރިޖް ނިމުމުން ސިއްހީ ހިދުމަތްތަކާއި، ވިޔަފާރި އަދި ލޮޖިސްޓިކްސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ހާއްސަކޮށް ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލްތަކަށް ވާސިލްވުމަށް ފަސޭހަވެ، އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ކުރަންޖެހޭ ހަރަދާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.


