އަލްޓްރާ-ޕްރޮސެސްޑް ފުޑްސް (ޔޫޕީއެފް) އަކީ ދުނިޔޭގެ ޞިއްޙަތަށް ބޮޑު ނުރައްކަލެއް ކަމަށާއި، މިކަމަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ބަޔަކު ދުނިޔޭގެ ފެންވަރުގައި ހެދި ދިރާސާއެއްގެ ތެރެއިން އިންޒާރު ދީފިއެވެ.
މި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިހާރު ކެއުމުގެ އާދަތަކަށް ބަދަލު އަންނަމުންދަނީ، ތާޒާ އަދި މުޅި ކާނާއިން ދުރުވެ، އަގުހެޔޮ، ވަރަށް ބޮޑަށް ޕްރޮސެސްކޮށްފައިވާ ކާނާއަށް ބަދަލުވަމުންނެވެ. މި ބަދަލުގެ ސަބަބުން ހަށިގަނޑަށް ދާއިމީ ބަލިތައް، އޭގެ ތެރޭގައި ހިމެނޭ ފަލަވުން (އޮބީސިޓީ) އާއި ޑިޕްރެޝަން ފަދަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ.
ޔޫޕީއެފްގެ ނުރައްކާ:
"ދި ލެންސެޓް" ގައި ޝާއިއުކުރި މި ދިރާސާގައި، ދިރާސާކުރި ފަރާތްތަކުން ބުނެފައިވަނީ، ސަރުކާރުތަކުން މިކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، ޔޫޕީއެފް އުފެއްދުންތަކަށް އިންޒާރު ދިނުމާއި، ޓެކްސް ބޮޑުކުރުން ފަދަ ކަންކަން ތައާރަފްކޮށް، އެ ފައިސާއިން ފައިދާހުރި ކާނާ ލިބޭނެ މަގު ފަހިކޮށްދިނުމަށް އެހީތެރިވާން ޖެހޭނެ ކަމަށެވެ.
އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ތެރޭގައި ހިމެނެނީ ސޮސެޖް، ޗިޕްސް، ޕޭސްޓްރީސް، ބިސްދޯދު، އިންސްޓަންޓް ސޫޕް، ފިޒީ ޑްރިންކްސް، އައިސްކްރީމް އަދި ސުޕަރމާކެޓް ޕާން ފަދަ ތަކެއްޗެވެ. މި ކާނާގެ ތެރޭގައި ގޭގައި ބޭނުންނުކުރާ ފަސްވައްތަރަށް ވުރެ ގިނަ މާއްދާ (އެމަލްސިފައިއަރސް، ޕްރިޒަރވޭޓިވްސް، އެޑިޓިވްސް، ޑައިސް އަދި ސްވީޓްނަރސް) ހިމެނެއެވެ.
43 ބައިނަލްއަޤްވާމީ ތަޖުރިބާކާރުން 104 ދިގު މުއްދަތުގެ ދިރާސާތަކަށް ބަލައިގެން ހެދި މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، މިފަދަ ކާނާ ބޭނުންކުރުމަކީ 12 ބައްޔެއް ޖެހުމުގެ ނުރައްކާ ބޮޑު ކަމެކެވެ. އޭގެ ތެރޭގައި ޓައިޕް 2 ޑައިބެޓީސް، ހިތާއި ނާރުތަކުގެ ބަލިތައް، ގުރުދާގެ ބަލިތައް، ޑިޕްރެޝަން އަދި ސަބަބަކާއި ނުލައި ކުއްލި މަރު ހިމެނެއެވެ.
ބްރެޒިލްގެ ޔުނިވަރސިޓީ އޮފް ސާއޯ ޕައުލޯގެ ޕްރޮފެސަރ ކާލޯސް މޮންޓޭރޯ ވިދާޅުވީ، އަލްޓްރާ-ޕްރޮސެސްޑް ކާނާ ބޭނުންކުރުން އިތުރުވުމަކީ، ދުނިޔޭގެ ކެއުމުގެ އާދަތަކަށް ބަދަލު އަންނަމުންދާ ކަމެއް ކަމަށާއި، މި ކާނާއިން ތާޒާ އަދި ކުޑަކޮށް ޕްރޮސެސްކޮށްފައިވާ ކާނާގެ ބަދަލުގައި ޖާގަ ހޯދަމުންދާ ކަމަށެވެ.
"މި ބަދަލުގެ ސަބަބަކީ، ވަރުގަދަ ބައިނަލްއަޤްވާމީ ކޯޕަރޭޝަންތަކުން ބޮޑެތި ފައިދާތައް ހޯދުމަށްޓަކައި އަލްޓްރާ-ޕްރޮސެސްޑް އުފެއްދުންތަކަށް އިސްކަންދީ، އެކަމަށް ބޮޑެތި މާކެޓިންގ ކެމްޕޭންތަކާއި، ޞިއްޙަތަށް ފައިދާހުރި ކެއުމަށް ބާރުއަޅާ ސިޔާސަތުތައް ހުއްޓުވުމަށް ސިޔާސީ ނުފޫޒު ފޯރުވުން" އޭނާ އިތުރަށް ވިދާޅުވިއެވެ.
އިދިކޮޅު ބައެއް ހިޔާލުތައް:
މި ދިރާސާގައި ޔޫޕީއެފްގެ ސަބަބުން ޞިއްޙަތަށް ގެއްލުންވާ ގޮތް ސީދާ ދައްކުވައިދޭ ކްލިނިކަލް ޓްރައިލްތަކެއް ނެތްކަން އިދިކޮޅު ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ދިރާސާކުރި ފަރާތްތަކުން ބުނަނީ، ދުނިޔޭގެ އެންމެންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްކޮށްގެން ނުވާނެ ކަމަށެވެ. ބައެއް ސައިންސްވެރިން ވިދާޅުވާ ގޮތުގައި، ޔޫޕީއެފްގެ އަސަރުތައް، ދިރިއުޅުމުގެ ވައްޓަފާޅި، އާދަތައް އަދި މުއްސަނދިކަން ފަދަ އެހެން ކަންކަމާ ވަކިކޮށް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ.


