ދައުލަތުގެ ވަޒީރުން އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހުގެ ދަށުން ކޮންމެ ވަޒީރަކު ވެސް އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ ހިސާބުކިތާބާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް މާލީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ.
އިސްލާހުގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ގުނަން ފަށާނީ ވަޒީރުން ހުވާކުރާ ދުވަހުން ފެށިގެންނެވެ. އަދި މި ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ވެރިފައި ކުރާ ބަޔާނަކަށް ވާންޖެހޭނެއެވެ.
އަހަރީ މުއްދަތު ހަމަވާތާ 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފިނަމަ، އެ މުއްދަތުން އިތުރުވާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން އުނިކުރެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.


