Tuesday, 28 July 2026

ދަނގެތި އަދި ދިގުރަށު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

އދ. ދަނގެއްޗާއި ދިގުރަށުގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންތަކުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ދެ ރަށުގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސް މުހައްމަދު މުއިއްޒު އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ދަނގެތީ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ، އަދި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޘީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ރަޝީދު އާއި ދަނގެތީ ކައުންސިލްގެ ރައީސް މުޢާވިޔަތު ރަޝީދެވެ.

ދިގުރަށު ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި އެހެނިހެން އިސް ބޭފުޅުންގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ރަޝީދާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.

މިއީ ރައީސް މުއިއްޒުގެ ސަރުކާރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢުތަކެކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން މި މަޝްރޫޢުތަކުގެ އަމާޒަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *