Thursday, 29 October 2026

އައްޑޫގެ ކައުންސިލްތަކާ ގުޅޭ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް: ރައީސް

އައްޑޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަދި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ނިންމާފައެވެ. މީގެ އިތުރުން އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި "އައްޑޫ ހުޅުމީދޫ ކައުންސިލް" ގެ ނަމުގައި އެއް ކައުންސިލެއް އުފެއްދުމާމެދުވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ނިންމާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ނުވަތަ 25 ވަނަ ދުވަހުއެވެ. އަދި މި ވޯޓުގައި އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެއެވެ.

އަދި ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ ދަށުން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވާލައި، އައްޑޫގެ ކޮންޓެކްސްޓް އެނގޭ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *