އެމްޑީޕީން އިއްޔެ ރޭ މާލޭގައި ބޭއްވި އެއްވުން ހުއްޓުވާލީ ފުލުހުންނަށް ޤާނޫނީ ގޮތުން ލިބިދޭ ބާރުތަކުގެ ތެރެއިން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީގެ އެއްވުމުގެ ބައިވެރިން ވަނީ ކުރިން ފުލުހުންނާއެކު އެއްބަސްވެފައިވާ މަގު ނޫން އެހެން މަގަކަށް ދިއުމަށް މަސައްކަތްކޮށް، ފުލުހުންނާ ކުރިމަތިލައި، ބެރިކޭޑްތައް ނަގައި އެއްލައި، ފުލުހުންގެ ހަތިޔާރު އަތުލަން މަސައްކަތްކޮށްފައެވެ.
އެއްވުން ހުއްޓުވުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2020/34 (ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ގަވާއިދު ނަންބަރު 2021/R-106 (ހަތިޔާރު ގަތުމާއި، ގެންގުޅުމާއި، ބޭނުންކުރުމާބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު 2011/R-119 (ފުލުހުން ބާރުގެ ބޭނުންކުރުމާއި އިޚްތިޔާރު ބޭނުންކުރުމާބެހޭ ގަވާއިދު) ހިމެނެއެވެ.
އެއްވުމުގެ ބައިވެރިން މަޖީދީމަގަށް ނުކުތުމަށް މަސައްކަތްކުރުމުން، ފުލުހުން ވަނީ ތަކުރާރުކޮށް އިރުޝާދު ދީފައިވާ ކަމަށާއި، ނަމަވެސް އެއްބަސްވެފައިވާ މަގުން ކުރިއަށްދިއުމަށް އިންކާރުކޮށްފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ޢަމަލުތަކަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމެއްގެ ސިފަތައް ގެއްލޭފަދަ ޢަމަލުތަކެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެއްވުން ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ނަމަވެސް، އެކަން ކޮށްފައިވަނީ ބާރުގެ ބޭނުންކުރުމުގެ އަސާސީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، މި ކަމުގައި ފުލުހުން ވަނީ ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާއެކު ޢަމަލުކޮށްފައި ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.


