އެމްޑީޕީގެ ސުލްހަވެރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ޕެޕަރ ސްޕްރޭ އާއި ރައޮޓް ގިއަރ ބޭނުންކޮށްގެން ބާރުގެ ބޭނުން ކުރިކަމަށް އެ ޕާޓީން ބުނެފިއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ އިހްސާން ކުރެއްވި ޓްވީޓަކީ ފުލުހުން ބޭނުންކުރި އަނިޔާވެރި ޢަމަލުތައް އޮޅުވާލުމަށް ކުރެއްވި ޓްވީޓެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި މިނިސްޓަރުގެ ޓްވީޓަކީ ސީދާ ދޮގު ވާހަކަތަކެއް ކަމަށްވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
ސުލްހަވެރިކޮށް ކުރިއަށްދިޔަ މުޒާހަރާއަށް ފުލުހުން އަމަލުކުރި ގޮތާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީގެ އެއްވުން ކުރިއަށްދިޔައީ ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށެވެ. އެގޮތުން މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދިން ނަމަވެސް، އެއްވުމުގެ ބައިވެރިން އެކަމަށް އިޖާބަ ނުދޭކަމަށް ފުލުހުން ފާހަގަކުރެއެވެ.


