Tuesday, 28 July 2026

އެމްޑީޕީގެ މުޒާހަރާއަކީ ސުލްހަވެރިއެއް ސިޔާސީ ހަރަކާތެއް ނޫން: ހޯމް މިނިސްޓަރު

އެމްޑީޕީން މިރޭ މާލޭގައި ކުރަމުންދާ މުޒާހަރާއަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ނިކުންނަން މަސައްކަތްކުރުމުން، ޖެލީ ކައިރިން ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ދީފައިވާ ރޫޓާއި ހިލާފުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މުޒާހަރާގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގަމުންދިޔަ އެވެ. މި ގޮތުން ޝީލްޑް ހިފައިގެން ތިބި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު، މުޒާހަރާގެ ބައިވެރިންގެ މައްޗަށް ޕެޕަރ ސްޕްރޭ ޖަހައި، ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީން ވަނީ ހޯމް މިނިސްޓަރުގެ ތުހުމަތުތައް ދޮގުކޮށް، ސުލްހަވެރިކޮށް ކުރިއަށްގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭ ޖެހި ކަމަށް ބުނެފައެވެ. އަދި ހޯމް މިނިސްޓަރުގެ ބަޔާނަކީ ފުލުހުންގެ އަނިޔާވެރިކަން ފޮރުވުމަށް ދެއްވި ބަޔާނެއް ކަމަށް އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *