އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ އެއްވުމުގެ ބައިވެރިން، އެ ސަރަހައްދުން ނުކުމެ މަޖީދީމަގާ ދިމާއަށް ދަތުރުކުރަން ފެށުމާ ގުޅިގެން ފުލުހުން ވަނީ އެކަން ހުއްޓުވައި، މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާފައެވެ.
މުޒާހަރާގެ އޯގަނައިޒަރުން ވަނީ މުޒާހަރާ ކުރިއަށް ގެންދާނީ މަޖީދީމަގުގައި ކަމަށް އިއުލާނުކޮށްފައެވެ. އެހެންނަމަވެސް، ފުލުހުން ވަނީ ބެރިކޭޑް ޖަހައި މަޖީދީމަގު ބަންދުކޮށް، ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
މި މުޒާހަރާއާ ގުޅޭގޮތުން ފުލުހުން ކުރިން ދީފައިވާ ހުއްދައިގައި މަޖީދީމަގު ހިމެނިފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީމަގު ކަންމައްޗަށް ޖަމާވާން ފަށާފައެވެ.
މި ވަގުތު އެ ސަރަހައްދުގައި ހާލަތު ވަނީ ގޯސްވެފައެވެ. ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ޖެހުންތަކެއް ހިނގާފައެވެ. އަދި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ރޫޓުން ބޭރުވުމާ ގުޅިގެން ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ.
މި މުޒާހަރާއަކީ އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިހުތިޖާޖީ ހަރަކާތެކެވެ.


