ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ދަތުރު ފެށި 'ގްލޯބަލް ސުމުދް ފްލޮޓީލާ' އަށް އިޒްރޭލުން ހުރަސް އަޅާފައިވާ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އިންސާނީ އެހީ ހިފައިގެން ދިޔަ ބަޔަކަށް ހުރަސް އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތަކަކީ ދުނިޔެ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި ގޮވާލާފައިވަނީ އިންސާނީ އެހީ އާއި ބޭސް ހިފައިގެން ގާޒާއަށް ކަނޑުމަގުން ދަތުރުކުރަމުން އަންނަ ފްލޮޓިލާއަށް އިޒްރޭލުން ހުރަސް އެޅުން ދިވެހި ދައުލަތުން ކުށްވެރިކުރުމަށެވެ.
ފްލޮޓިލާގެ ފަރާތުން ބުނެފައިވާ ގޮތުގައި އެ ލަޝްކަރުގައި ހިމެނޭ އުޅަނދުތަކަށް އިޒްރޭލުން ހަމަލާ ދޭން ފަށާފައިވާ އިރު، މިހާތަނަށް 20 އާ ގާތްކުރާ އަދަދެއްގެ އުޅަނދު ހުއްޓުވާފައިވެ އެވެ. މި ދަތުރުގައި ދެ ދިވެއްސަކު ވެސް ބައިވެރިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.


