އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން ތައްޔާރުވަމުންދާ އެއްވުމުގައި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުންގެ ޚިދުމަތުން ގޮވާލައިފިއެވެ. މިކަމަށް ފުލުހުން ގޮވާލާފައިވަނީ އެ ހަރަކާތާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ އެ ޚިދުމަތުން އިސްކަންދީގެން ކުރަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް، ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް މި ހިނގާލުން ކުރިއަށް ގެންދިއުމަށާއި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެ ހަލަބޮލިކުރުމަށް ރޭވުންތަކެއް ރޭވިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނީ، މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތަށް ގެއްލުން ލިބިދާނެ ކަންކަން ކަމަށެވެ. އެހެންކަމުން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށާއި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދިނުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށާއި، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމްކޮށް، މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށްވެސް ފުލުހުންވަނީ ގޮވާލާފައެވެ.


