ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން މި އަހަރުން ފެށިގެން އެއް ވަނަ ހޯދާ ދަރިވަރުންނަށް، އެ މީހުން ބޭނުން ގައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ގޮތަށް ރައީސްގެ ހާއްސަ ސްކޮލަޝިޕެއް ދޭން ނިންމައިފި އެވެ.
މިކަން އިިއުލާން ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އާއި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމު ޙާސިލް ކުރުމަށް ސްކޮލަޝިޕް ދޭން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ ތިން ކެޓަގަރީން އެއް ވަނަ ހޯދާ ދަރިވަރުންނާއި މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ލިބޭ ފަރާތަކަށް ވެސް، ރައީސްގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުވެރި ފިލައެއް ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށްކަމަށް ވިދާޅުވެފައެވެ.


