ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފި އެވެ.
އެކަން ހާމަކޮށްފައިވަނީ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސައީދުގެ ޤާނޫނީ ވަކީލު، ނޫރުލް ސަލާމެވެ.
ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ.
ޕީޖީ އޮފީހުން ބުނީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓުގެ މި އަމަލުގެ ސަބަބުން އެ ކުންފުންޏަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ސައީދަށް އިއްވި ހުކުމާ ނޫރުލް ސަލާމް ވިދާޅުވީ ފެނަކައިން ބްލޭޒަންއާއެކު އެއްބަސްވުން ހަދާފައިވަނީ ސައީދު މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވުމުގެ ކުރިން ކަމަށާއި އަދި ސައީދު މަގާމާ ހަވާލުވިއިރު ފެނަކަ އާއި ބްލޭޒަންއާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވުމުން އެކަމާ ގުޅިގެން ގާނޫނީ ވަކީލުންގެ ލަފާ ސައީދު ހޯއްދެވި ކަމަށެވެ.
އަދި ބްލޭޒަންއާއެކު ސެޓެލްމަންޓް އެއްބަސްވުމަކަށް ނުގޮސް، ބްލޭޒަން އިން ކޯޓަށް ގޮސްފިނަމަ އެ ކުންފުންޏަށް ފެނަކައިން ދޭންޖެހޭ ފައިސާގެ އަދަދު މާބޮޑު ވެދާނެ ކަމަށް ފެނަކައިގެ އޭރުގެ ވަކީލުން ލަފާދިން ކަމަށާއި، އެ ލަފާގެ މަތިން ސައީދު ނިންމީ ސެޓެލްމަންޓް އެއްބަސްވުމަކަށް ދިޔުމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސައީދުގެ މައްޗަށް ކަނޑައެޅީ ދައުލަތުން އެދުނު ވަރަށްވުރެ ވެސް ބޮޑު އަދަބެއް ކަމަށާއި އެހެން ކަމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.


