މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނުނެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 1246 ގްރާމެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނީ މއ. މަޒާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އައިޝް އަޙްމަދާއި، މއ. މަޒާގެ، އުމުރުން 25 އަހަރުގެ އާމިނަތު ޢިއްލިއްޔީން އަޙްމަދާއި، ހދ. ކުޅުދުއްފުށި / މަރިޔާޒް، އުމުރުން 34 އަހަރުގެ ޢިނާޔަތު ޢަލީއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ޢިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.


