ދުނިޔޭގެ އެންމެ މަޝްހޫރު އަދި އިތުބާރު ބޮޑު ޔުނިވަރސިޓީތަކުގެ ތެރެއިން އެއް ޔުނިވަރސިޓީ ކަމަށްވާ އޮކްސްފޯޑް ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލުކުރި ފުރަތަމަ ދިވެއްސަކަށް ވުމުގެ ޝަރަފު ޒުވާން ޤާނޫނީ ވަކީލު އަހުމަދު ޝައްފާން މުހައްމަދު ވަނީ ހޯދާފައެވެ.
30 އަހަރުގެ ޝައްފާން، އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރީ ހަތަރު އަހަރުގެ ދިގު ދަތުރަކަށްފަހު އިއްޔެއެވެ. އޭނާގެ ތީސިސްގެ ދިރާސާއަކީ ކޮޕީރައިޓް ޤާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ޤާނޫނީ އަސާސްގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ.
އިނާ މޯލްޑިވްސްގެ ވެރިޔާ އަދި ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެއް ކަމުގައިވާ މުހައްމަދު ފިރާގުގެ ދަރިކަލުން ޝައްފާނަކީ އޯ ލެވެލް އަދި އޭ ލެވެލްގައިވެސް ރާއްޖޭގެ އެއްވަނަ ހޯދާފައިވާ ދަރިވަރެކެވެ.
"ބައްޕައެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަކިން ބޮޑަށް ފަހުރުވެރިވަނީ، މިހާ އިހްތިރާމް ލިބިގެންވާ ޔުނިވަރސިޓީއެއްގައި ދިވެއްސަކަށް ފުރަތަމަ ފަހަރަށް މިހާ ބޮޑު ކާމިޔާބީއަކާ ހަމައަށް ވާސިލްވެވުނީމަ،" މިހެން ވިދާޅުވި ފިރާގު، ޝައްފާންގެ މި ކާމިޔާބީއަކީ ގިނަ ބައެއްގެ އެހީތެރިކަމާއި މަގުދެއްކުމުގެ ސަބަބުން ލިބުނު ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ.
ޝައްފާންގެ މި ތާރީޚީ ކާމިޔާބީއާއެކު، އޭނާގެ ބައްޕަ ފިރާގު ވަނީ ޝައްފާންގެ ކިބައިން އެދިވަޑައިގެންފައިވަނީ މި ތަޢުލީމާއި ތަޖުރިބާ ބޭނުންކޮށްގެން ނަޒާހަތްތެރިކަމާއި ހިތްވަރާއެކު ޤައުމަށް ޚިދުމަތްކުރުމަށެވެ. މިއީ ދިވެހި ތަޢުލީމީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.


