Tuesday, 28 July 2026

ދިވެހިރާއްޖޭގެ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީވެ، މާލީ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމަށް ވަނީ ދެ މަރުހަލާއަކަށް ބަހާލާފައެވެ. 2026 ވަނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ފުރަތަމަ މަރުހަލާގައި، ދެ ޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެއެވެ. ދެވަނަ މަރުހަލާގައި، ފަރުދުންގެ ވިޔަފާރި މުޢާމަލާތްތަކުގައި ކިއުއާރު ކޯޑު މެދުވެރިކޮށް ޕޭމަންޓް ހެދޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްގީކުރުމަށްޓަކައި "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ކުންފުނިން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ޚިދުމަތްތައް ތަޢާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާނެއެވެ.

މި އެއްބަސްވުމަކީ އެމްއެމްއޭގެ ތިން އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިފަދަ ޚިދުމަތްތައް ސިންގަޕޫރު، ސްރީ ލަންކާ އަދި ނޭޕާލް ފަދަ ޤައުމުތަކުގައިވެސް އެންއައިޕީއެލްއިން ވަނީ ތަޢާރަފުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *