Tuesday, 28 July 2026

ރައީސްގެ ދަރިކަލުންނަށް ކުރި ތުހުމަތުތައް ދޮގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ، އޭނާގެ މަންމަ އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު އެ ތުހުމަތުތައް ދޮގުކުރައްވައިފިއެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން އުމައިރުގެ ސަބަބުން ކަމަށް ތުހުމަތުކޮށް، އެކަން އާންމުކޮށްފައެވެ. މި މައްސަލަ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާޖިދާ ވިދާޅުވީ އުމައިރުއަކީ ދުވަހަކުވެސް ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރި ނުވަތަ ކުރާ ކުއްޖެއް ނޫން ކަމަށެވެ. މި ބައްދަލުވުމުގައި އާއިލާގެ ޤާނޫނީ ވަކީލެއްގެ ގޮތުން ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިފަދަ ދޮގު ތުހުމަތުތައް ކުރުމަކީ ކުޑަކުއްޖެއްގެ އަބުރާއި ޢިއްޒަތަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

އަދި މި މައްސަލައިގައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޙައްޤު އާއިލާއިން ރައްކާކުރާ ކަމަށްވެސް ބައްދަލުވުމުގައި ބަޔާންކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *