Tuesday, 28 July 2026

މާލޭގެ ހުރިހާ ކާނުތައް 6 މަސް ދުވަސްތެރޭ ސާފުކޮށް ނިންމާލެވޭނެ: އާދަމް ޝަރީފް

މާލޭގެ ހުރިހާ ކާނުތައް ސާފުކުރުމުގެ މަސައްކަތް 6 މަސް ދުވަސްތެރޭ ނިންމާލެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ. މި މަސައްކަތް ފަށާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިއަދުއެވެ.

ބައެއް މީޑިޔާތަކުން ވަޒީރު އާދަމް ޝަރީފް އާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަ ދުވަސްތަކުގައި މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުން ފާހަގަވެގެންދިޔައީ އެކަށީގެންވާ މިންވަރަށް ކާނުތަކުން ފެން ނުހިދޭކަމެވެ. އަދި މިކަމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތަށް ދަތިތައް ދިމާވެ، ރައްޔިތުންނަށްވެސް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތުގައި ފުރަތަމަ އިސްކަންދޭނީ ބޮޑެތި މަގުތަކާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމަށެވެ. "އަޅުގަނޑުމެން މި މަސައްކަތް ކުރިއަށްގެންދަނީ ދިވެހި ފުލުހުންނާ ވެސް ގުޅިގެން. ސާފުކުރާ ސަރަހައްދުގައި 24 ގަޑިއިރު ކުރިން ކޯނުތައް ޖަހަން ޖެހޭތީވެ" ވަޒީރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެހެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *