މުޖުތަމައުގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް ފުދުންތެރިކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ރައީސް މުއިއްޒުގެ ހިތާބުގައި ފާހަގަކުރެއްވި ގޮތުގައި މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި އަބަދު ވެސް ގިނައީ އަންހެން ހިދުމަތްތެރީންނެވެ. މީގެ ތެރޭގައި ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އުސްމިންތަކާއި، ސާނަވީ އަދި މަތީ ތައުލީމުގެ ދާއިރާގައި އަންހެން ދަރިވަރުން ހޯދާ މަތީ ނަތީޖާތައް ހިމެނެ އެވެ.
"ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތައުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށް ދިނުން. ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުން. އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ހިތާބުގައި، ދިވެހި އަންހެނުންގެ ހީވާގިކަމާއި މުރާލިކަން ފާހަގަކުރައްވައި، "ދިވެހި ތާރީހުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައި ވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ގައުމީ އަދި އިޖުތިމާއީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން އެބަހުއްޓެވެ" ކަމަށް ވިދާޅުވި އެވެ.
އަދި ސިއްހީ އަދި ތައުލީމީ ފަދަ މުހިންމު ދާއިރާތަކުގައި ވެސް ގިނައީ އަންހެން ދަރިވަރުންކަން ފާހަގަކުރައްވައި، ތައުލީމު ހޯދުމުގައި ގިނަ އަންހެނުން ބައިވެރިވުމަކީ ދިވެހި ގައުމު ބިނާ ކުރުމުގައި ހެޔޮ ފާލެއް ކަމުގައި ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.


