މަރާމާތުގެ މަސައްކަތްތަކަށް ބަންދުކުރުމަށްފަހު ރަސްފަންނު އާންމުންނަށް ހުޅުވާލައިފިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ތަނަށް ކުރެއްވި ޒިޔާރަތެއްގައި އެތަނުގެ ހާލަތު ދަށްވެފައި އޮތްކަން ފާހަގަކުރެއްވުމާ ގުޅިގެންނެވެ.
ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތްތަކުގެ ތެރޭގައި ބީޗުގެ ގިރައިގެން ގޮސްފައިވާ ސަރަހައްދަށް ވެލިއެޅުމާއި، މޫދަށް ފައިބާ ސަރަހައްދުން ޗަކަ ނެގުން ހިމެނެއެވެ. މީގެ އިތުރުން ފެންވަރާ ތަންތަނާއި، ހަލާކުވެފައިވާ ހަޓުތަކާއި ޖޯލިތައް އަދި ބާބަކިއު ސްޓޭންޑްތައްވެސް ވަނީ މަރާމާތުކޮށްފައެވެ.
މަރާމާތުގެ މަސައްކަތްތައް ނިމުމާ ގުޅިގެން ހައުސިންގ މިނިސްޓްރީން ވަނީ ރަސްފަންނު އާންމުންނަށް ހުޅުވާލާފައިވާކަން އިއުލާނުކޮށްފައެވެ.
މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތް ބެއްލެވުމަށް މިއަދު ރައީސް ޑރ. މުޢިއްޒު ވަނީ ރަސްފަންނަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ހައުސިންގ މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.


