Tuesday, 28 July 2026

ބްރޯޑްކޮމްގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުޙައްމަދު ފަޒީން އެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މި މައްސަލަ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުންދަނީ ފަޒީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއްކަން މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ ބެލުމަށް މިހާތަނަށް ބޭއްވި ހުރިހާ ކޮމިޓީ ބައްދަލުވުންތަކެއް ވަނީ ސިއްރުކުރެވިފައެވެ. ރޭ ބޭއްވި ބައްދަލުވުމުގައިވެސް ވަކި މައްސަލައެއް ސީދާ ހާމަކޮށްފައި ނުވިނަމަވެސް، ކޮމިޓީގެ މެންބަރަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެއީ ފަޒީންގެ މައްސަލަކަން ކަށަވަރުވެފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

ކޮމިޓީން މި މައްސަލަ ތަޅުމަށް ފޮނުވުމަށް ނިންމި ނަމަވެސް، މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ފަޒީނަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު މިވަގުތު ލިބިފައެއް ނުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *