ގޭސް އަދި އެސިޑިޓީ ފަދަ ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ފެންވަރާ މެދު ސުވާލު އުފެދި، އެ އިންޖެކްޝަންގެ ވަކި ބެޗެއް ރާއްޖެ އެތެރެކޮށް ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.
އެމްއެފްޑީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ "ޕެންޓޮޕް 40″ އިންޖެކްޝަނުގެ ފެންވަރާ ގުޅޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މި މައްސަލަ ފާހަގަވެފައިވަނީ އިންޑިއާގެ އެރިސްޓޯ ފާމަސޫޓިކަލް ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ ބެޗް ނަންބަރު EMPH243030 ގައި ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން، މައްސަލަ ހުރި ބެޗުގެ އިންޖެކްޝަން ރާއްޖެ އެތެރެކޮށް ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި އެމްއެފްޑީއޭ އިން ވަނީ ކަނޑައަޅާފައެވެ. އަދި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ބޭސް އެއް ތަނުން އަނެއް ތަނަށް އުފުލައި ގުދަންކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް ބޭސް އެތެރެކޮށް ވިއްކާ ކުންފުނިތަކަށް އަންގާފައިވާ ކަމަށްވެސް އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ.
ޕެންޓޮޕް 40 އަކީ ގޭސްޓްރިކް އަދި އެސިޑިޓީގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ޢާންމުކޮށް ބޭނުންކުރާ ބޭހެކެވެ. މި ބޭހުގެ މައްސަލަ ހުރި ބެޗް ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެހެން ބެޗްތަކުގެ މި ބޭސް ބޭނުންކުރުމަކަށް ހުރަހެއް ނެތްކަން ފާހަގަކުރެވެއެވެ.


