ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ އަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށްވުމުގެ އަޒުމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ފެންވަރުގައި މިއަދު ފާހަގަކުރެވުނު ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރުމުން ރޫޙާނީ އަދި ނަފުސާނީ ގޮތުން ތާހިރުކަން ލިބި، މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެ ކަމަށެވެ.
"މިއަދު ދިވެހީންގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. އެކަމަށް ޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތަކެވެ،" މިހެން ރައީސް ވިދާޅުވަމުން، މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެވުނު ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެ ކަމަށާއި، ދިވެހީންގެ ތަރިކަތައް، ޒަމާނީ ޓެކްނޯލޮޖީއާއި، އިޤުތިޞާދީ ވިސްނުން ޝާމިލުކޮށްގެން ދެމެހެއްޓެމުން ބެލެހެއްޓެމުންދާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އަބަދުވެސް އިޞްލާޙުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން ރަނގަޅު ކަންކަމަށް ތަރުޙީބުދެމުން ކުރިޔަށް ދާނެއެވެ.


