Tuesday, 28 July 2026

ހުޅުމާލޭގައި ބިނާކުރާ މިސްކިތުގެ ބިންގާ ރައީސް މުއިއްޒު އަޅުއްވައިދެއްވައިފި

ހުޅުމާލޭގެ ފޭސް އެކެއްގައި އަލަށް ބިނާކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިއަﷲ ޢަންހާ" މިސްކިތުގެ ބިންގާ މިއަދު މެންދުރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި މިސްކިތް އަޅަން ނިންމާފައިވަނީ މިހާރު ވަގުތީ މިސްކިތް ހުރި ސަރަހައްދުގައެވެ.

ކީރިތި ރަސޫލާގެ އަނބިކަނބަލުން އައިޝަތުގެފާނުގެ ނަންފުޅަށް ނިސްބަތްކޮށް ނަންދެވިފައިވާ މި މިސްކިތުގެ އެންމެހައި ހަރަދުތައް ކުރައްވާނީ ފަޟީލަތުއް ޝައިޚު އިސްމާއިލް މުހައްމަދެވެ. އަދި މިސްކިތް މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އަލް މަދީނާ އިންވެސްޓްމަންޓުންނެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މިސްކިތަކީ އެއްފަހަރާ 2000 އަށްވުރެ ގިނަ މުސައްލީންނަށް އަޅުކަން ކުރެވޭނެ ޖާގައިގެ ތަނަވަސްކަން ލިބިގެންވާ މިސްކިތެކެވެ. މީގެއިތުރުން މިސްކިތުގައި ލައިބްރަރީއެއް ޤާއިމުކުރެވޭނެ އެވެ. އަދި އަންހެން ނަމާދުވެރިންނަށް ވަކިން ޚާއްސަކުރެވިފައިވާ ބައެއްވެސް ހިމެނޭނެއެވެ.

މި މިސްކިތަކީ ތިމާވެއްޓާ ރައްޓެހި ގޮތަށް ފަރުމާކުރެވޭ މިސްކިތެއް ކަމަށްވާއިރު، ސޯލާ ހަކަތަ ބޭނުންކުރެވޭނެ އަދި އޭސީ ކުރެވިފައިވާ މިސްކިތެއްގެ ގޮތުގައި ބިނާކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *