ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތަކަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބަދަލު ގެނެސްފިއެވެ. މި ބަދަލު ގެނެސްފައިވަނީ އޮފީސް ގަޑިތަކާ ދިމާކޮށް ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަކުރުމަށާއި، މަގުތަކުގެ ޓްރެފިކް ކުޑަކުރުމަށެވެ.
މިއަދުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހާ ހަމައަށް މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށާއި، ރޭގަނޑު 20:00 އިން ހެނދުނު 8:00 އަށެވެ. މި ގަޑިތައް ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައިވެސް ދެމިއޮންނާނެއެވެ.
އަދި މުދާ އުފުލުން މަނާ ގަޑިތަކަށްވެސް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން މިއަދުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ހެނދުނު 8:00 އިން 9:30 އަށް، އަދި ހަވީރު 16:33 އިން ރޭގަނޑު 20:00 އާ ހަމައަށް ބަރު އުޅަނދު ދުއްވުމާއި ގަނޑުކޮށް މުދާ އުފުލުން މަނާވެގެންވެއެވެ.
ރަމަޟާންމަހުގެ ފަހު 10 ދުވަހަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވެއެވެ. މި ދުވަސްތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 16:30 އަށާއި، ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށެވެ. އަދި ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް މުދާ އުފުލުން މަނާވެގެންވެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން އިންޒާރު ދެއްވާފައިވަނީ މުދާ އުފުލުމަށް ހުއްދަ ދީފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.


