ޑޮކްޓަރުންނަށް ދޫކުރާ ވަގުތީ ލައިސަންސްގެ މުއްދަތު އެއް އަހަރުން ހަ މަސް ދުވަހަށް ކުރުކޮށްފިއެވެ. މި ބަދަލަކީ މެޑިކަލް ކައުންސިލްގެ ލައިސަންސިން އިމްތިހާނު ފުރިހަމަކުރަންޖެހޭ ޑޮކްޓަރުންނަށް ދޫކުރާ ޕްރޮވިޝަނަލް ރަޖިސްޓްރޭޝަންގެ މުއްދަތަށް ގެނެވުނު ބަދަލެކެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ ސެޕްޓެމްބަރު 1، 2024 އިން ފެށިގެންނެވެ. އަދި މި ބަދަލު ވަނީ މިދިޔަ ހަފުތާގައި ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު 1 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު ވަނީ އިތުރު ހަ މަސް ދުވަހަށް އިތުރުކޮށްދީފައެވެ. ނަމަވެސް، އޭގެ ފަހުން ދޫކުރެވޭ ޕްރޮވިޝަނަލް ލައިސަންސްތަކުގެ މުއްދަތަކީ ހަމައެކަނި ހަ މަސް ދުވަހެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލެއްގެ ބަހުން، މި ބަދަލު ގެނެސްފައިވަނީ ވަގުތީ ލައިސަންސަކަށް އެއް އަހަރުގެ މުއްދަތަކީ ދިގު މުއްދަތެއްކަމަށް ފެންނާތީއެވެ. އެހެންނަމަވެސް، އިމްތިހާނު ހެދުމަށްފަހު ދޫކުރެވޭ ދާއިމީ ލައިސަންސްގެ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެކަން އެ އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ.
ޑޮކްޓަރުންނަށް ދޫކުރެވޭ ދާއިމީ ލައިސަންސްއާ ގުޅޭގޮތުން މިނިސްޓްރީން ބުނެފައިވަނީ، ލައިސަންސިން އިމްތިހާނުން ފާސްވާ ޑޮކްޓަރުންނަށް ޕްރެކްޓިސް ކުރުމަށް ފަސް އަހަރު ދުވަހުގެ ލައިސަންސެއް ދޫކުރެވޭނެ ކަމަށެވެ.


