Tuesday, 28 July 2026

40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މާލޭއަށް ރޭ ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ހަތަރު ގެއެއްގައި ދިރިއުޅޭ 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް އިއްޔެ ފެންބޮޑުވެފައިވެ އެވެ. އެގޮތުން މާލެ އަތޮޅު ހިންމަފުށި، ހުރާ އަދި ގުރައިދޫގައި ވަރަށް ބޯކޮށް ވާރޭވެހުނު ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއްވި އެވެ.

އެންޑީއެމްއޭ އިން ވިދާޅުވި ގޮތުގައި ކ. ތުލުސްދޫގައި ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބައެއް ގެތަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ މާދަމާ އެވެ. މިއަދު ވެސް ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، އެ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، އެންޑީއެމްއޭ އިން ވަނީ އެކަމަށް ތައްޔާރުވެފައެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ "ތްރެޓް އެސެސްމަންޓެއް" މާދަމާ ހަދާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *