މެދުނުކެނޑި ބޯކޮށް ވެހެމުންދާ ވާރެއާއި ގުޅިގެން ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެފައިވާތީ، މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، "މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ" މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވި ކަމަށެވެ.
މި ވަގުތު ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މާލެ އާއި އެތައް ރަށެއްގައި ވަނީ ފެންބޮޑުވެފައެވެ. މި ހާލަތުގައި އެމްއެންޑީއެފްގެ ފަރާތުން ވަނީ ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މޫސުމާބެހޭ އިދާރާއިން މިހާތަނަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހެނދުނު 7 ޖެހުމާ ހަމައަށް އޮރެންޖް އެލާޓެއް ވަނީ ނެރެފައެވެ. މި މުއްދަތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތްކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.


