މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، މާލެ ހިމެނޭހެން މެދު ރާއްޖޭގެ ނުވަ އަތޮޅަކަށް މޫސުމާބެހޭ އިދާރާއިން މިރޭ އޮރެންޖު އެލާޓް ނެރެފިއެވެ.
މާލޭގެ އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި މިވަގުތު ވަނީ ބޮޑެތި ފެންގަނޑުތައް އުފެދިފައެވެ. މި ހާލަތާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ވަނީ މާފަންނު ސަރަހައްދުގެ ތިން ތަނެއްގައި ހަރަކާތްތެރިވަން ފަށާފައެވެ. އެއީ އައިޖީއެމްއެޗް، ވެސްޓްޕާކް އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދެވެ.
މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި ފެންހިންދުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި އިތުރު ދެ ޕަމްޕް ވަނީ ގެނެސްފައެވެ. "މި ޕަމްޕުތަކަކީ ތިން އިންޗި ފުޅާމިނުގެ ސޮލިޑް، ފަސޭހަކަމާއެކު ދަމާލެވޭ ޕަމްޕުތަކެއް. މިނެޓަކު 11,356 ލީޓަރު ފެން ބޭރުކުރެވޭނެ," މޭޔަރު ވިދާޅުވިއެވެ.
މީގެ ކުރިން މާލޭގައި ބޭނުންކުރަމުން އައީ މިނެޓަކު 900 އަދި 1,300 ލީޓަރުގެ ޕަމްޕުތަކެކެވެ. އަލަށް ގެނެވުނު ޕަމްޕުތަކާއެކު ފެންހިންދުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މޫސުމާބެހޭ އިދާރާއިން މިރޭ 9:45 އިން 12:00 އަށް އޮރެންޖު އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.


