ރަމަޟާން މަހުގެ ތެރޭގައި ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ފަރާތްތަކާ ދުރުހެލިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ރޯދަމަހުގެ މުނާސަބަތުގައި ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްވި ޚާއްސަ ހިތާބުގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރޯދައަކީ އަހަރަކު އެއްފަހަރު ބައްދަލުކުރާ އަގުހުރި މެހުމާނެކެވެ. އަދި މި މެހުމާނާއެކު އުޅެން ލިބޭ މައްސަރުގައި އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދަމަހައްޓަން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ ޢަޒުމު މި މަހު އައުކުރަމާތޯ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ކޮންމެ ކުޑަކުއްޖަކަށާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްގެ ގޮތުގައި މި މަސް ހެދުމަށާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން ފަދަ އަމިއްލަ ނަފްސަށް ގެއްލުންހުރި ނުބައި އާދަތަކާ ދުރުހެލިވުމަށްވެސް ރައީސް ގޮވާލެއްވިއެވެ.
ރައީސް މުއިއްޒުގެ ހިތާބުގައި ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ އިޚްލާޞްތެރި މަސައްކަތް އިތުރަށް ހަލުވިކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި، ކުލުނާއި، ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި ސަރުކާރުން އިސްނަގާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


