ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމާއެކު، މިއަދު ރާއްޖޭގެ އެންމެހާ ސްކޫލްތަކުގެ އަހަރީ ބޮޑު ޗުއްޓީ ފެށިއްޖެއެވެ. މިގޮތުން ޤައުމުގެ 216 ސްކޫލެއްގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް މިއަދު ވަނީ ރިޕޯޓް ފޮތްތައް ހަވާލުކޮށް ނިމިފައެވެ.
މިދިޔަ ދިރާސީ އަހަރަކީ 96،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރި އަހަރެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީގެ ތެރޭގައި ހިމެނެނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. އަދި މި ދަރިވަރުންގެ ތެރެއިން 17،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގޮސްފައިވަނީ މާލޭ ސަރަހައްދުގައެވެ.
އަމިއްލަ ސްކޫލްތަކުގެ ދަރިވަރުންގެ އަދަދަށް ބަލާއިރު، އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 ކުދިން ކިޔަވަމުން ދިޔައެވެ. މިނިސްޓްރީން ފާހަގަކުރިގޮތުގައި މީގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުންނަކީވެސް މާލޭ ސަރަހައްދުގައި ކިޔަވާ ކުދިންނެވެ.
އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މިއާއެކު މިއަހަރުގެ ރަމަޟާން މަހުގައި ސްކޫލްތައް ހުންނާނީ ބަންދުގައެވެ. އަދި އާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީއަށް ދަރިވަރުން ދާނީ ޖުލައި 24 ގައެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓު 10 ގައެވެ. އަދި އެ ޓާމު ނިމި، އަހަރީ ބޮޑު ޗުއްޓީއަށް ދަރިވަރުން ދާނީ ޑިސެމްބަރު 28 ގައެވެ. މި ޗުއްޓީގައި ދަރިވަރުންނަށް މަހެއްހާ ދުވަހުގެ ޗުއްޓީއެއް ލިބެނެއެވެ.


