Tuesday, 28 July 2026

މި ރޯދަ މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

"ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މައުޟޫގައި މިރޭ 21:30 ގައި ފެށުމަށް ހަމަޖެހިފައިވާ ފޯރަމްގައި ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.

މި އަހަރުގެ އިޙްޔާ ފޯރަމްތަކުގައި ޖުމްލަ 8 ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ފޯރަމަށްފަހު ބާއްވާ 7 ފޯރަމްގައި ތަޤުރީރު ކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމް އަދި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް އެވެ. މި ފޯރަމްތައް ބާއްވާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑުއެވެ.

މީގެއިތުރުން މިއަހަރުވެސް ސްކޫލް ދަރިވަރުންނަށް ޚާއްޞަ އިޙްޔާ ފޯރަމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމްތަކުގައި 6 ސްކޫލަކުން ބައިވެރިވެއެވެ. ދަރިވަރުންގެ ފޯރަމްތައް ބާއްވާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލެއިން ބޭރުގެ 7 ރަށެއްގައިވެސް އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫ އަދި ރ. މީދޫ ގައި ފޯރަމްތައް ބާއްވާނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގެ ރޭގަނޑުއެވެ. އަދި ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ފޯރަމްތަކަށް ޙާޟިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ބަޔަކަށް އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *