ގއ. ގެމަނަފުށީގައި އަލަށް ގާއިމުކުރި އައިސް ޕުލާންޓު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕުލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަޙްމަދު ޝިޔާމާއި، އިންޑިޔާގެ ހައި ކޮމިޝަނަރ ޖީ. ބާލަސުބްރަމަނިއަމް އާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުއިބިމޯވް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރި މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ އަދިވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މި ދަތިތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރު 13 އައިސް ޕުލާންޓު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އިންޑިއަން އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުން ގާއިމުކޮށްފައިވާ މި ޕުލާންޓަކީ ދުވާލަކު 50 ޓަނުގެ ބްލޮކް އައިސް އުފެއްދޭ އަދި 100 ޓަނުގެ އައިސް ރައްކާކުރެވޭ ވަސީލަތެކެވެ. މި ޕުލާންޓު ހުޅުވުމާއެކު ދެކުނުގެ މަސްވެރިންނަށް އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ތެލަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.


