ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރި (އެފްޓީއޭ) ގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓު އެތެރެނުކުރެވޭނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މި ވާހަކަ ވިދާޅުވެފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ. ކުޑޫގެ ސުވާލުގައި އެފްޓީއޭގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރެވޭ ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ޑިއުޓީ ނެގުމާއި، މިކަމުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާ ބެހޭ ގޮތުން ސުވާލު ކުރައްވާފައިވެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، "ދިވެހިރާއްޖެއިން ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުމުން ވަނީ އިސްތިސްނާކޮށްފައެވެ. އަދި އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާނީ ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ސިނގިރޭޓަށް ވެސް ޑިއުޓީ ނަގާ ރޭޓުންނެވެ."
އެފްޓީއޭގެ ދަށުން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފައިވާ އެފްޓީއޭގެ އިމްޕޯޓު ޑިއުޓީގެ ތަފާތުތަކާ ގުޅޭގޮތުން ވެސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވަނީ ސުވާލު ކުރައްވާފައެވެ.
މިނިސްޓަރު ސައީދުގެ ޖަވާބުން އެނގޭ ގޮތުގައި، ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ރާއްޖެއަށް އެ ބާވަތްތައް އެތެރެކުރާ މިންވަރުގެ މައްޗަށެވެ.


