ސަރުކާރުން ތަޢާރަފުކުރާ ތިމާވެއްޓާ ރައްޓެހި އީވީ ޓެކްސީ ލައިން ހިންގުމަށް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށް، އެކަމުގެ އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މީރުމާ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
'މާލެ ފެހި' ޕްރޮގްރާމްގެ ދަށުން ތަޢާރަފުކުރެވޭ މި ޓެކްސީ ލައިނަކީ އިލެކްޓްރިކް ވެހިކަލްތައް ހިމެނޭ 24 ގަޑިއިރުގެ ޚިދުމަތެކެވެ. މި ޚިދުމަތް ހިންގާނީ އެމްޓީސީސީން ތައްޔާރުކޮށްފައިވާ ޚާއްޞަ ސޮފްޓްވެއަރއެއް މެދުވެރިކޮށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި މި އައު ޓެކްސީ ލައިން ތަޢާރަފުކުރަނީ މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހޯދުމަށް މިހާރު ހުރި ބޮޑެތި ދަތިތައް ހައްލުކުރުމަށެވެ. އަދި މި ޚިދުމަތަކީ ދުނިޔޭގެ ނިސްބަތުން ވެސް މަދުން ފެންނަ ބާވަތެއްގެ ޚިދުމަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ ވިދާޅުވީ މި ޚިދުމަތް އެންމެ ފުރިހަމައަށް ދިނުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުން ހޮވާނީ އެ ކުންފުނިން ހުޅުވާލާ ޕޫލްއެއްގައި ބައިވެރިވެ، އެންމެ ރަނގަޅަށް ފާސްވާ ފަރާތްތަކުގެ ތެރެއިންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އައު އީވީ ޓެކްސީ ލައިނަކީ ތިމާވެއްޓާ ރައްޓެހި، އަދި ޓެކްސީގެ ޚިދުމަތް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.


