ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމުގައި ހުންނެވި ސ. ހުޅުދޫ، ރިވާސައިޑް އަހްމަދު ނާސިފް އެ މަގާމުން ވަކިކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޗެއާމަނަކަށް މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިކަން އިއުލާނު ކުރުމާއެކު، ނާސިފްގެ މަގާމަށް އައި މި ބަދަލަކީ އެޗްޑީސީގެ ބިންވެރިޔާ ސްކީމްގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި އައި ބަދަލެކެވެ.
އަހްމަދު ނާސިފަކީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ރީޖަނަލް އެއަރޕޯޓްސްގެ ޗެއަރޕާސަންގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ބަދަލު އައިސްފައިވަނީ ބިންވެރިޔާ ސްކީމްގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުން ގެންދަވަނިކޮށް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމަށްފަހުގައެވެ. އަދި މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އެހެން ބައެއް އިސްވެރިންވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.


